މިއަހަރުގެ ފީފާ ވޯލްޑް ކަޕުން ނެދަލެންޑްސް ކެޓުމާ ގުޅިގެން، އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ރޮނާލްޑް ކޫމަން އިސްތިއުފާދީފިއެވެ.
މުބާރާތުގެ ގަދަ 32 ގައި މޮރޮކޯއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޫމަން ފުރަތަމަ ބުނެފައިވަނީ، އޭނާގެ މުސްތަގުބަލާމެދު ގޮތެއް ނިންމާނީ ޖަޒުބާތުން ބޭރުގައި ހަމަޖެހިލައިގެން ހުރެ ކަމަށެވެ. ނަމަވެސް އެއަށްފަހު ބުދަ ދުވަހު އޭނާ ވަނީ މަގާމުން ދުރަށްދާން ނިންމައި، ރަސްމީކޮށް އިސްތިއުފާދީފައެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ނެދަލެންޑްސް މޮޅުވިއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. މިއީ ޖެހިޖެހިގެން ވޯލްޑް ކަޕްގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ކެޓި ދެވަނަ ފަހަރެވެ. ކުރިން 2022 ވަނަ އަހަރުގެ މުބާރާތުގައިވެސް އެޓީމު ކެޓީ އާޖެންޓީނާ އަތުން ޕެނަލްޓީން ބަލިވެގެންނެވެ.
ޖެނުއަރީ 2023 ގައި ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވި ކޫމަންގެ އިރުޝާދުގެ ދަށުން އެޓީމު ވަނީ ޖުމްލަ 45 މެޗު ކުޅެފައެވެ. މީގެ ތެރެއިން 25 މެޗުން މޮޅުވެފައިވާއިރު، 11 މެޗުން ވަނީ އެއްވަރުވެފައެވެ. އަދި ބަލިވީ ނުވަ މެޗުންނެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށްވެސް އެޓީމު ގެންގޮސްދީފައެވެ. ނަމަވެސް އެ މުބާރާތުން ކެޓީ އިންގްލެންޑް އަތުން ބަލިވުމުންނެވެ. މިއީ ކޫމަން ނެދަލެންޑްސްގެ ގައުމީ ޓީމަށް އިރުޝާދުދިން ދެވަނަ ފަހަރެވެ.
ކޮމެންޓު ފޮނުވާ