ވޯލްޑް ކަޕް 2026: ޖަރުމަނު ކެޓުމުގެ ޒިންމާ ނަގަންޖެހޭނީ ކުޅުންތެރިން: ކެޕްޓަން

ވޯލްޑް ކަޕް 2026: ޖަރުމަނު ކެޓުމުގެ ޒިންމާ ނަގަންޖެހޭނީ ކުޅުންތެރިން: ކެޕްޓަން

Author
އަހުމަދު
01 ޖުލައި 2026 10:25
0

މި ފަހަރުގެ ވޯލްޑް ކަޕުން ޖަރުމަނު ކެޓުމުގެ ޒިންމާ ނަގަންޖެހޭނީ ކުޅުންތެރިން އަމިއްލައަށް ކަމަށް، އެ ޓީމުގެ ކެޕްޓަން ޖޯސުއާ ކިމިޗް ބުނެފިއެވެ.

މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޝޫޓައުޓްގައި 4-3 އިން ބަލިވެ ޖަރުމަނު ވަނީ މުބާރާތުން ކަޓާފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ޕެނަލްޓީގައި ޖަރުމަނު ބަލިވި ފުރަތަމަ ފަހަރެވެ. ގްރޫޕް ސްޓޭޖުގައި ކިއުރަސާއޯ އަދި އައިވަރީ ކޯސްޓް އަތުން މޮޅުވި ނަމަވެސް، ގްރޫޕްގެ ފަހު މެޗުގައި އެކުއެޑޯ އަތުން އެޓީމު ވަނީ ބަލިވެފައެވެ. ވޭތުވެދިޔަ ދެ ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނަށް، މިފަހަރުވެސް މުބާރާތާ އަލްވަދާއު ކިޔަންޖެހުނީ ވަރަށް ކުރީކޮޅުގައެވެ.

ކިމިޗް ބުނީ މުޅި މުބާރާތުގައިވެސް ޖަރުމަނަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭ ކަމަށާއި، ބޭނުންވި ގޮތަށް ކަންކަން ނުކުރެވުނު ކަމަށެވެ. އަދި ދަނޑުމަތީގައި ކުޅުންތެރިން ޓީމެއްގެ ގޮތުގައި ޒިންމާ ނަގައިގެން މަސައްކަތްކޮށްފައި ނުވާކަމީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް އޭނާ ފާހަގަކުރިއެވެ.

އެހެން ފަރާތްތަކަށް އިނގިލި ދިމާކުރުމުގެ ބަދަލުގައި ކުޅުންތެރިން އަމިއްލައަށް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރަމުން ކިމިޗް ބުނީ، މިއީ ކޯޗު، މީޑިއާ، ރެފްރީ ނުވަތަ އިދިކޮޅު ޓީމުން ކުރި ކަމެއް ނޫން ކަމަށެވެ. ޓީމު ކެޓީ ކުޅުންތެރިންގެ އަމިއްލަ މައްސަލަތަކަކާ ހުރެކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.

މުބާރާތުގެ ނޮކައުޓް ފުރަތަމަ ބުރުން ޖަރުމަނު ކެޓި ނަމަވެސް، އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.