ޔާމީންގެ ފާޑުކިޔުންތަކާއެކު ނަޝީދުގެ ސަޕޯޓަރުންގެ ރަތަށް!

ޔާމީންގެ ފާޑުކިޔުންތަކާއެކު ނަޝީދުގެ ސަޕޯޓަރުންގެ ރަތަށް!

Author
އަހުމަދު
30 ޖޫން 2026 06:20
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ނަޝީދުގެ ސަޕޯޓަރުންގެ ބޮޑު ނުރުހުމެއް ޔާމީނަށް އަމާޒުވެއްޖެއެވެ.

ފަހަކަށް އައިސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިދިކޮޅު ފަރާތްތައް ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ވިދާޅުވުމަށް ތާއީދުކުރައްވައި، ޔާމީން ވިދާޅުވީ އެމްޑީޕީގެ އަސްލު ސޫރަ މިއަދު ނުފެންނަ ކަމަށެވެ. އަދި ކުރިން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް، މުއައްސަސާތަކަށް ޕްރެޝަރު ކުރި ގޮތަށް މިއަދު އެމްޑީޕީއަށް މަސައްކަތް ނުކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއާމަން ކަމަށް ނަޝީދު ކުރިމަތިލެއްވިއިރު، އެމަނިކުފާނު ހޮވިއްޖެނަމަ ރައީސް މުއިއްޒު ގޭގައި އޮންނަވަން ޖެހޭނީ "މުންޑުލައިގެން" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި، މިއަދު މުންޑުލައިގެން ގޭގައި އޮތީ ކާކުތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ ޔާމީނަށް ރައްދުދެމުންނެވެ. އެމްޑީޕީގެ އެކްޓިވިސްޓުން ބުނަމުންދަނީ އެ ޕާޓީއަކީ ސިޓިންރޫމެއްގައި ހިންގާ ވަރަށްވުރެ މާ ބޮޑު، އިންތިޒާމުވެގެން ހިނގާ ޕާޓީއެއް ކަމަށެވެ.

މި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން މިދަނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި، ޔާމީންގެ އިތުރުން އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ތިން ބޭފުޅުންގެ މަންދޫބުން ކަނޑައެޅި ނަމަވެސް، އޭގެ ފަހުން އަމަލީ ގޮތުން މާބޮޑު މަސައްކަތްތަކެއް އަދި ފެނިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.