މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މެލޭޝިއާގައި މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ސްކޮލަޝިޕްތަކަށް އެޕްލައިކުރުމުގެ ސުންގަޑި އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
ކުރިން މި ފުރުސަތުތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާއަށް ހަމަވާގޮތަށް އޮތް ނަމަވެސް، އެމްއެމްއޭއިން މިހާރު ވަނީ އެ މުއްދަތު ފަސްކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން މެލޭޝިއާގެ ފެންވަރު ރަނގަޅު ޔުނިވަސިޓީތަކުގައި ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި، އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް) އާއި، ގާނޫނީ އަދި އިގްތިސާދީ ދާއިރާއިން މާސްޓަރސް ޑިގްރީގެ އިތުރުން އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުންހުރި ދާއިރާތަކުން ޕީއެޗްޑީ ހާސިލުކުރުން ހިމެނެއެވެ.
މި ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ އެޕްލައިކުރާ ފަރާތްތަކުގެ ތައުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލަޝިޕް ޔަގީންވާނީ ހިޔާރުކުރާ ޔުނިވަސިޓީއަކުން އެޑްމިޝަން ކަށަވަރުވުމުންނެވެ. މިއީ ހުރިހާ ހަރަދެއް ދޭ ގޮތަށް ހުޅުވާލާފައިވާ ސްކޮލަޝިޕްތަކަކަށް ވާއިރު، މީގެ ދަށުން ހޮވޭ ދަރިވަރުންގެ ޓިއުޝަން ފީއާއި، ޔުނިވަސިޓީގެ އެހެނިހެން ފީތަކާއި، ދިރިއުޅުމުގެ ހަރަދާއި، ފޮތް ގަތުމަށް ދޭ އެލަވަންސްގެ އިތުރުން ވިސާއާއި ހެލްތު އިންޝުއަރެންސްގެ ހަރަދުތައްވެސް އެމްއެމްއޭއިން ހަމަޖައްސައިދޭނެއެވެ. އަދި އެސްޓެބްލިޝްމަންޓް އެލަވަންސް އާއި ޑިޕާޗަރ އެލަވަންސްވެސް ދަރިވަރުންނަށް ލިބޭނެއެވެ.
ކޮމެންޓު ފޮނުވާ