ޕީޖީން އަންގާ މައްސަލަތައް އަވަހަށް ނިންމަންޖެހޭ ގޮތަށް އޭސީސީގެ ގަވާއިދު އިސްލާހުކޮށްފި

ޕީޖީން އަންގާ މައްސަލަތައް އަވަހަށް ނިންމަންޖެހޭ ގޮތަށް އޭސީސީގެ ގަވާއިދު އިސްލާހުކޮށްފި

Author
އަހުމަދު
28 ޖޫން 2026 05:21
0

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އިން އަންގާ ކޮރަޕްޝަންގެ މައްސަލަތައް ޚާއްސަ އިސްކަމެއް ދީގެން އަވަހަށް ތަހުގީގުކޮށް ނިންމަންޖެހޭ ގޮތަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

މި ގަވާއިދަށް ޖުމްލަ ނުވަ އިސްލާހެއް ގެނެސްފައިވާއިރު، މިއަށް އަމަލުކުރަން ފަށާނީ ދެ މަސް ދުވަސް ފަހުންނެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ގެނެސްފައިވަނީ ގަވާއިދުގެ 16 ވަނަ ބާބުގެ ތެރެއަށް "ކޮމިޝަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން" ގެ ނަމުގައި އާ ބާބެއް އިތުރުކުރުމެވެ. މި ބަދަލާއެކު، އޭސީސީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ތަހުގީގުކުރުމަށް ޕީޖީ އަމުރުކޮށްފިނަމަ، އެއީ ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައި ނުވާ މައްސަލައެއް ނަމަ ވަގުތުން ރަޖިސްޓްރީކޮށް، އެހެން މައްސަލަތަކަށްވުރެ އިސްކަންދީގެން އަވަހަށް ނިންމަން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ޕީޖީގެ އެންގުމަކަށް އަމަލުކުރާނެ ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ހާލަތްތަކުގައި، އެ އެންގުމެއް އަންގާތާ ރަސްމީ ހަތް ދުވަހުގެ ތެރޭގައި ޕީޖީއަށް ޖަވާބުދާރީވާން ޖެހޭނެކަމަށް އާ ގަވާއިދުގައިވެއެވެ. އަދި އެ މުއްދަތުގައި ޖަވާބުދާރީ ނުވެވޭނަމަ، އިތުރު ހަތް ދުވަހުގެ މުއްދަތަކަށް އެދި ލިޔުމުން ޕީޖީ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބެލުން ލަސްވާކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑުވެފައިވާއިރު، މި ގެނެވުނު އިސްލާހުތަކާއެކު މައްސަލަތައް ކުރިއަށްގެންދާނެ ވަކި މުއްދަތުތަކެއް މިވަނީ ކަނޑައެޅިފައެވެ. އަދި މި ބަދަލުތަކުގެ ދަށުން ހަދަންޖެހޭ ތަހުގީގުކުރުމުގެ އުސޫލުތައް، އިސްލާހުތަކަށް އަމަލުކުރަން ފަށާތާ އެއް މަސްދުވަސް ތެރޭގައި އެކުލަވާލަން ޖެހޭނެކަމަށްވެސް ގަވާއިދުގައި ވަނީ ލާޒިމުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.