ދިރާގު ދިވެހި ލީގުގައި މާޒިޔާ ދެކޮޅަށް ނުކުންނައިރު ފަސޭހަކޮށް ތައްޔާރުވެގެން މި ކަމެއް ނުވާނެ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ.
އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ފަހަތުން އަރައި ވެލެންސިއާއާ އެއްވަރުކޮށްފަ އެވެ. ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ޖެހިޖެހިގެން ވަރުގަދަ ދެ މެޗު ޖެހުމުން އެ ދެ ގޮތަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ޝާޒް ސިފަކުރާ ގޮތުގައި މާޒިޔާ އަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ކްލަބް އެވެ. އޭނާ އެގޮތަށް ދެކެނީ ދަނޑުތެރޭގައި ވެސް ދަނޑުން ބޭރުގައި ވެސް މާޒިޔާގެ ކަންތައްތައް ރަނގަޅަށް އޮތުމުންނެވެ.
ހަގީގަތުގައި ކުޅުންތެރިންނަށް ލިބޭ ހިތްވަރެއް. އެ މޯޓިވޭޝަން އިތުރުވެގެންދާނެ. އަނެއް ކަމަކީ އެއް މެޗުގައި އެ ވަރަށް ކުޅެފައި އަނެއްކާ ވެސް އެ ވަރުގެ މެޗެއް ދެން ވެސް މި އޮތީ. ޕްލަސް އަކާ މައިނަސް އަކާ މީނީ މީގައި.
– ޝާޒް ބުނެފައިވެއެވެ.
ސީޒަނުގެ ފުރަތަމަ މެޗުތަކުގައި މާޒިޔާގެ ފަރާތުން ފެނުނު ކަންތައްތައް އެއީ މާޒީ ކަމަށާއި ޓީސީއާ ދެކޮޅަށް މާޒިޔާ އިން ވެސް ނުކުންނާނީ ރަނގަޅަށް ތައްޔާރުވެގެން ކަމަށްވާތީ އެޑްވާންޓޭޖް ނެގޭނެ ވަކި ކަންތައްތަކެއް ހުރިކަމަށް ނުދެކޭ ކަމަށް ޝާޒް ވަނީ ބުނެފައެވެ. ޓީސީ ޓީމަށް އޮތް އެޑާވާންޓޭޖެއްގެ ގޮތުގައި ޝާޒް ދެކެނީ އެއް މަގާމަށް ވުރެ އިތުރަށް ރަނގަޅަށް ކުޅެވޭނެ ކުޅުންތެރިން ގިނަވުމެވެ. އަދި އެގޮތަށް ޓީމު ތައްޔާރުކުރާ ސަބަބަކީ ހަގީގަތުގައި ދުނިޔޭގެ ފުޓްބޯޅަ ވެސް މިހާރު ބަދަލުވަމުން އަންނަނީ އެ ގޮތަށް ކަމަށްވާތީ ކަމަށް ޝާޒް ބުނެފައިވެއެވެ.
މާޒިޔާގެ ބެންޗުގައި ވެސް ކޮންމެ އިރަކު ވެސް ނަތީޖާ ނެރޭނެ ކުޅުންތެރިން އެ ތިބީ. މާޒިޔާއާ ދެކޮޅަށް ފަސޭހަކޮށް ތައްޔާރުވެގެން މި ކަމެއް ނުވާނެ.
– ޝާޒްލީ ބުނެފައިވެއެވެ.
ލީގުގައި މިހާތަނަށް ޓީސީން ފަސް މެޗު ކުޅެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ