ވެނެޒުއޭލާއަށް ދާދި ފަހުން އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 1،400 އަށް ވުރެ މައްޗަށް ގޮސްފިއެވެ. މިއީ ފާއިތުވި ސަތޭކައަށްވުރެ ގިނަ އަހަރު ތެރޭގައި އެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 1،430 މީހުން މަރުވެ، 3،238 މީހުން ވަނީ ޒަހަމްވެފައެވެ. އަދި 68،900 އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، މަރުވި މީހުންގެ ޖުމްލަ އަދަދު 10،000 އަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ލަފާކުރައްވައެވެ. މިހާތަނަށް 3،142 އާއިލާއެއް ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
މި ބާރުގަދަ ބިންހެލުމުގައި ވެނެޒުއޭލާގެ ރެޑް ކްރޮސްގެ މައި އިމާރާތަށާއި ފަރަންސޭސި އެމްބަސީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ޗައިނާގެ ދެ ރައްޔިތަކު ވެސް ހިމެނޭކަން ވަނީ ކަށަވަރުވެފައެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ވެނެޒުއޭލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާއިން ވަނީ 150 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާންކޮށް، މަނަވަރުތަކާއި، މުދާ އުފުލާ ބޯޓުފަހަރުގެ އިތުރުން ހެލިކޮޕްޓަރުތަކުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ވެނެޒުއޭލާއަށް އައި މި ބިންހެލުމުގެ އަސަރު އަވަށްޓެރި ކޮލަމްބިއާއަށާއި ބްރެޒިލްގެ އުތުރުގެ ސަރަހައްދުތަކަށް ވެސް ވަނީ ކޮށްފައެވެ. ބިންހެލުމުގެ ލޮޅުންތަކާއެކު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގެ އިމާރާތްތަކުން މީހުން ވަނީ ހުސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ