ޑެންގީގެ އާ ވައްތަރަކާއެކު ސްރީލަންކާގައި ބަލި ފެތުރުން އިތުރުވެއްޖެ

ޑެންގީގެ އާ ވައްތަރަކާއެކު ސްރީލަންކާގައި ބަލި ފެތުރުން އިތުރުވެއްޖެ

Author
އަހުމަދު
27 ޖޫން 2026 08:54
0

ސްރީލަންކާގައި ފަހަކަށް އައިސް ޑެންގީ ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވަނީ، އެ ބަލީގެ އާ ވައްތަރެއް ފެތުރެމުންދާތީ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ހަރީނީ އަމަރަސޫރިޔާ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިހާތަނަށް ލަންކާގައި 50،000 އަށްވުރެ ގިނަ މީހުންނަށް ޑެންގީ ޖެހި، 29 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން މައުލޫމާތު ދޭ ގޮތުގައި، މޫސުން ތަންދިނުމާއި މަދިރި އާލާވުން ގިނަވުމުގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި އާންމުންގެ ބައިވެރިވުން ކުޑަވުމުގެ ސަބަބުން ކޮންމެ ދުވަހަކު 600 އާއި 700 އާ ދެމެދުގެ އަދަދަކަށް މީހުން އަންނަނީ މި ބައްޔަށް ފައްސިވަމުންނެވެ.

ބޮޑުވަޒީރު އަމަރަސޫރިޔާ ވިދާޅުވި ގޮތުގައި އާ ވައިރަސް ސްޓްރޭންއާއެކު ބަލި ފެތުރުން ހަލުވިވި ނަމަވެސް، މުޅި ގައުމުގައި ފަށާފައިވާ ޑެންގީ ކޮންޓްރޯލް ކުރުމުގެ ބޮޑު ކެމްޕޭނުގެ ސަބަބުން މިހާރު ކޭސްތައް މަދުވާން ފަށާފައިވާކަމުގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. މި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކޮލަމްބޯ ޑިސްޓްރިކްޓަށެވެ. އޭގެ ތެރެއިންވެސް މަހާރަގަމާ އާއި ކޮލަމްބޯގެ ބޭރު ސަރަހައްދުތަކުން ގިނަ ކޭސްތަކެއް ވަނީ ރިޕޯޓުކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކުން މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެންމެ ގިނައިން މަދިރި އާލާވާ ކަމަށް ފާހަގަކުރެވިފައިވަނީ މީހުން ދިރިއުޅޭ ގޭގޭގެ ބަދަލުގައި، ސްކޫލްތަކާއި އޮފީސްތަކާއި ހުސް ބިންތަކާއި އަދި ދޫކޮށްލާފައިވާ އިމާރާތްކުރާ ސައިޓުތައް ފަދަ އާންމު ތަންތަނުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.