ވޯލްޑް ކަޕް 2026: މުސްލޭރާގެ ބޮޑު ގޯހާއެކު އުރުގުއޭ ކަޓައި، ސްޕެއިން ގްރޫޕްގެ އެއްވަނައަށް

ވޯލްޑް ކަޕް 2026: މުސްލޭރާގެ ބޮޑު ގޯހާއެކު އުރުގުއޭ ކަޓައި، ސްޕެއިން ގްރޫޕްގެ އެއްވަނައަށް

Author
އަހުމަދު
27 ޖޫން 2026 09:55
0

ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުން 1-0 އިން އުރުގުއޭ ބަލިކޮށް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. މި ނަތީޖާއާއެކު ދެ ފަހަރުގެ ޗެމްޕިއަން އުރުގުއޭ ވަނީ މުބާރާތުން ކަޓާފައެވެ.

މެޗުގެ ހަމައެކަނި ލަނޑު 42 ވަނަ މިނެޓުގައި ސްޕެއިނަށް ކާމިޔާބުކޮށްދިނީ އަލެކްސް ބައޭނާއެވެ. މި ލަނޑަކީ ސްޕެއިންގެ ކުޅުންތެރިން ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އުރުގުއޭގެ އުމުރުން 40 އަހަރުގެ ކީޕަރު ފެނާންޑޯ މުސްލޭރާއަށް ރަނގަޅަށް ބޯޅަ ސާފުކޮށްނުލެވިގެން ވަން ލަނޑެކެވެ. މިއީ މި މުބާރާތުގައި އޭނާގެ ފަރާތުން ފެނުނު ތިންވަނަ ބޮޑު ގޯހަށްވުމާއެކު، އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ ވަނީ ހާފް ޓައިމްގައި މުސްލޭރާ ބަދަލުކޮށްފައެވެ.

ގްރޫޕް އެޗްގެ އެއްވަނަ ސްޕެއިން ހޯދީ ކުޅުނު މެޗުތަކުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ބުރުގައި އެ ޓީމު ނުކުންނާނީ ގްރޫޕް ޖޭ އިން ދެވަނަ ހޯދާ ޓީމެއް ކަމަށްވާ އޮސްޓްރިއާ ނުވަތަ އަލްޖީރިއާއާ ދެކޮޅަށެވެ. ފީފާ ރޭންކިންގެ 19 ވަނައިގައި އޮތް އުރުގުއޭ އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތުން ކަޓާފައިވާއިރު، މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ ތިން ޕޮއިންޓާއެކު ކޭޕް ވާޑޭއެވެ.

މެޗުގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުންވެސް ނުތަނަވަސްކަން ފެނިގެންދިޔައެވެ. އެގޮތުން އުރުގުއޭގެ ފެޑެރީކޯ ވީނިއާސް ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓުމުން ޕެނަލްޓީއަކަށް އެ ޓީމުން ވަރަށް ބޮޑަށް އެޕީލްކުރިއެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންގެ ޕައު ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އުރުގުއޭގެ އަގުސްޓިން ކަނޯބިއޯއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ސްޕެއިންގެ ރަސްގެފާނު ފިލިޕޭ ހަވަނަ ވެސް ބައްލަވާލެއްވި މި މެޗު ފެށުމުގެ ކުރިން، ވެނެޒުއޭލާއަށް ދާދިފަހުން އައި ބިންހެލުމުގައި މަރުވި މީހުންގެ ހަނދާނުގައި ވަނީ ސުކޫތެއް ގެނެވުނެވެ. 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ދެވަނަ ފަހަރަށް ތަށި ހޯދުމަށް އަމާޒު ހިފާފައިވާއިރު، އެ ޓީމުގެ ޒުވާން ތަރި ލަމީން ޔަމާލްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން މި މެޗުގައި އޭނާގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް ފެނިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.