މިއަދުގެ ހާއްސަ އަދި ރީތި ތާރީޚު ކަމަށްވާ 26.6.26 އާ ގުޅުވައިގެން މާލެ ސަރަހައްދުގައި 50 ކައިވެނި ކުރުމަށް ފެމިލީ ކޯޓުން ހަމަޖައްސައިފިއެވެ.
ފެމިލީ ކޯޓުން މައުލޫމާތު ދިން ގޮތުގައި، މިއަދު ކޮށްދިނުމަށް ތާވަލުކޮށްފައިވާ 50 ކައިވެނީގެ ތެރެއިން 11 ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ކޯޓުގެ ތެރޭގައެވެ. އަދި ބާކީ 39 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޯޓުން ބޭރުގައެވެ. ތާރީޚުގައި ހިމެނޭ އަކުރުތައް އެއްގޮތްވުމުން އަންނަ މިފަދަ "ރީތި" ތާރީޚުތަކާއި ހާއްސަ މަންޒިލްތަކުގައި ކައިވެނި ކުރުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ވަރަށް އާންމު ކަމެކެވެ.
މި އަހަރުގެ ކުރީކޮޅު އައި ރީތި ތާރީޚެއް ކަމަށްވާ 26.2.26 ގައި މާލެ ސަރަހައްދުގައި 14 ކައިވެނި ކޮށްފައިވާއިރު، ފާއިތުވި އަހަރުތަކުގައި މިއަށްވުރެ ގިނައިންވެސް އެއް ދުވަހާ ކައިވެނިކޮށްފައި އެބަހުއްޓެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި 25 ގައި 50 ކައިވެނި، އަދި 2020 ވަނަ އަހަރުގެ ފެބްރުއަރީ 2 ގައި 64 ކައިވެނި މާލޭގައި ކޮށްފައިވެއެވެ.
މިހާތަނަށް އެންމެ ގިނަ ކައިވެނި އެއް ދުވަހާ ކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 22 ގައެވެ. އެ ދުވަހު މާލޭގައި އެކަނިވެސް 87 ކައިވެނި ކޮށްފައިވެއެވެ. ހާއްސަ ތާރީޚުތަކަށް ދިވެހިން ދޭ އަހަންމިއްޔަތުކަން ބޮޑުއިރު، ސިނަމާލެ ބްރިޖު ހުޅުވި ދުވަސްވަރު އެތަނުގައިވެސް އެއްފަހަރާ ގިނަ ބަޔަކު ވަނީ ކައިވެނިކޮށްފައެވެ.
ކޮމެންޓު ފޮނުވާ