ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި، 2008 ވަނަ އަހަރު ވުޖޫދަށް އައި ފެހި ގާނޫނުއަސާސީގެ މައިގަނޑު އެއް އަމާޒު ކަމަށްވާ ދައުލަތުގެ ތިން ބާރު ވަކިކުރުމުގެ މަގުސަދު އަދިވެސް ހާސިލުވެފައެއް ނުވެއެވެ. އެގޮތުން، ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދުމަށްފަހު، ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެކަށީގެންވާ ނިޒާމެއް ނެތްކަމަށްވެސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މި ސަބަބުތަކަށްޓަކައި ރާއްޖެއަށް އިތުރު ބަދަލުތަކެއް ބޭނުންވާކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، އެމަނިކުފާނު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވީވެސް ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅަކާ އެކުގައެވެ. އެގޮތުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒު އިސްމާއިލް ނެރުމަށް ތާއީދުކުރައްވައި ނަޝީދު އެއްބަސްވެވަޑައިގެންނެވި މެނިފެސްޓޯގައި، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ސިފަތައް އެކުލެވޭ މަސްހުނި ނިޒާމަކަށް ބަދަލުކުރުން ވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ