ފީފާ ވޯލްޑް ކަޕް 2026: އޮސްޓްރޭލިއާ އަދި ޕެރަގުއޭ ވެސް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް 2026: އޮސްޓްރޭލިއާ އަދި ޕެރަގުއޭ ވެސް ދެވަނަ ބުރަށް

Author
އަހުމަދު
26 ޖޫން 2026 11:42
0

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޑީގެ ފަހު މެޗުގައި ތުރުކީ އަތުން 3-2 އިން އެމެރިކާ ބަލިވި ނަމަވެސް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމެރިކާ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މުބާރާތުން ކުރިންވެސް ކަޓާފައިވާ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ މިނެޓުގައި އޮސްޓިން ޓްރަސްޓީގެ ގޯލުން އެމެރިކާ ލީޑު ނެގި އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާރްދާ ގުލާ އާއި ބަރިޝް އަލްޕަރް ޔިލްމާޒް ވަނީ ތުރުކީއަށް ނަތީޖާ އަނބުރާލަދީފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ސެބަސްޓިއަން ބާހަލްޓާ އެމެރިކާއަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް، ތުރުކީ މޮޅުވި ލަނޑު އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުގައި ކާމިޔާބުކޮށްދިނީ ކާން އަހްޔާން އެވެ. މެޗުން ބަލިވިޔަސް ގްރޫޕްގެ އެއްވަނައިގައި އޮވެ ދެވަނަ ބުރުގައި އެމެރިކާ ނުކުންނާނީ ބޮސްނިއާ ހާޒެގޮވީނާއާ ދެކޮޅަށެވެ.

މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި އޮސްޓްރޭލިއާ އާއި ޕެރަގުއޭ ބައްދަލުކުރި އިރު، މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 އިން އެއްވަރުވެގެންނެވެ. އޮސްޓްރޭލިއާއިން ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި ޕެރަގުއޭގެ ކީޕަރު އޯލަންޑޯ ގިލް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ. މި ނަތީޖާއާއެކު ގޯލުގެ ތަފާތުން ގްރޫޕްގެ ދެވަނަ އޮސްޓްރޭލިއާއަށް ލިބުނުއިރު، ތިންވަނައިގައި އޮތް ޕެރަގުއޭ ވެސް ވަނީ ގަދަ 32 ގެ ބުރަށް ޝަރުތު ހަމަވެފަ އެވެ.

ދެވަނަ ބުރުގައި އޮސްޓްރޭލިއާ ވާދަކުރަން ޖެހޭނީ ގްރޫޕް ޖީގެ ދެވަނަ ޓީމާ ދެކޮޅަށެވެ. އެއީ އިރާން ނުވަތަ މިސްރު ކަމަށް ބެލެވެ އެވެ. އަދި ޕެރަގުއޭ ނުކުންނަން ޖެހޭނީ ވަރުގަދަ ޖަރުމަނާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.