ގަވާއިދާ ޚިލާފަށް ބޭރުން ކޯހެއް ނުހިންގަން: އެމްކިއުއޭގެ ފިޔަވަޅަށް އެވިޑް ކޮލެޖުން ރައްދުދީފި

ގަވާއިދާ ޚިލާފަށް ބޭރުން ކޯހެއް ނުހިންގަން: އެމްކިއުއޭގެ ފިޔަވަޅަށް އެވިޑް ކޮލެޖުން ރައްދުދީފި

Author
އަހުމަދު
25 ޖޫން 2026 09:05
0

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެވިޑް ކޮލެޖާ މެދު އެޅި ފިޔަވަޅަކީ އެ ކޮލެޖުގެ އިތުބާރު ގެއްލުވާލުމަށް ކުރި ކަމެއް ކަމަށް ބުނެ، ބޭރުގެ ފަރާތްތަކާ ގުޅިގެން ގަވާއިދާ ޚިލާފަށް އެއްވެސް ކޯހެއް ނުހިންގާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.

އެމްކިއުއޭއިން ދާދި ފަހުން ވަނީ އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކުރިކަމަށް ބުނާ މައްސަލައެއްގައި އެ ކޮލެޖު ޖޫރިމަނާކޮށްފައެވެ. އެ އޮތޯރިޓީން ބުނެފައިވަނީ މީގެ ކުރިންވެސް މިކަމާ ގުޅިގެން ނަސޭހަތްތެރިވެފައިވާނެ ކަމަށާއި، ނަމަވެސް އޭގެ ފަހުންވެސް އެ ކޮލެޖުން މި އަމަލު ތަކުރާރުކޮށްފައިވާ ކަމަށެވެ.

މިކަމަށް ރައްދުދީ އެވިޑް ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްކިއުއޭއިން ރާއްޖޭން ބޭރުގައި ޕްރޮގްރާމްތައް ހިންގުމާ ބެހޭ އުސޫލު ވުޖޫދަށް ގެނައި ތާރީޚު ކަމަށްވާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގެ ފަހުން، ބައިނަލްއަގުވާމީ އެއްވެސް މުއައްސަސާއެއް މެދުވެރިކޮށް ކޯހެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އާ އުސޫލާ ޚިލާފަށް އެއްވެސް މުއާމަލާތެއް ނުކުރެވޭނެކަން ބޭރުގެ ފަރާތްތަކަށް އަންގައި، އެކަން އެމްކިއުއޭގެ ސަމާލުކަމަށްވެސް ގެނެސްފައިވާނެ ކަމަށް އެ ކޮލެޖުން ފާހަގަކޮށްފައިވެއެވެ.

އެވިޑް ކޮލެޖުން ތުހުމަތުކުރާ ގޮތުގައި، އެމްކިއުއޭއިން މިފަހަރު ފިޔަވަޅު އަޅާފައިވަނީ މައްސަލައިގެ މައުލޫމާތު ސާފުކުރުމެއް ނެތި، އަދި ކޮލެޖާ އެއްވެސް ސުވާލެއްވެސް ކުރުމަކާ ނުލައެވެ. މިއީ އަދާލަތުގެ ހަމަތަކާ ޚިލާފަށް، ކޮލެޖުގެ ރީތި ނަން ކިލަނބުކޮށްލުމުގެ ނިޔަތުގައި ހިންގާފައިވާ އަމަލެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްކިއުއޭއިން ބުނާ ގޮތުގައި ގަވާއިދާ ޚިލާފަށް ޕްރޮގްރާމްތައް ހިންގުމަކީ ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާމެދު ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ ކަމެކެވެ. އެހެންކަމުން ކޯސްތަކުގައި ބައިވެރިވުމުގެ ކުރިން އެއީ ހުއްދަ ލިބިފައިވާ ޕްރޮގްރާމެއްތޯ ކަށަވަރުކުރުމަށް އެ އޮތޯރިޓީން ވަނީ އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.