ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކެއްގައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ބުދަ ދުވަހުގެ ރޭ އެ ޤައުމަށް އައި 7.2 އަދި 7.5 މެގްނިޓިއުޑްގެ ދެ ބިންހެލުމަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ކާރިސާގައި މިހާތަނަށް 164 މީހުން މަރުވެ، 971 މީހުން ޒަޚަމްވެފައިވާކަން ވެނެޒުއޭލާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. ބިންހެލުމުގެ ސަބަބުން ވެރިރަށް ކަރަކާސްގެ ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ކެނޑި، މައި އެއާޕޯޓުވެސް ވަނީ ބަންދުކުރަން ޖެހިފައެވެ. މީގެ އިތުރުން ސަބްވޭ އަދި ގޭސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ވަނީ މެދުކެނޑިފައެވެ.
މި ބޮޑު ކާރިސާއާ ގުޅިގެން ވެނެޒުއޭލާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގެއްލުންވި ތަންތަން މަރާމާތުކުރުމަށް 200 މިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކޮށްފައެވެ. އަދި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކެނޑިނޭޅި ދަނީ ކުރަމުންނެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ އެ ޤައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރި ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މީހުން ސަލާމަތްކުރުމަށާއި ޤައުމުގެ ހާލަތު އާންމު ހާލަތަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ