އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ 0-0 އިން އެއްވަރުވެއްޖެ އެވެ.
މި މެޗުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ ޕެލަސް އިންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ޖޭމްސް ޓޮމްކިންސް ޖެހި ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ކްރިސްޓިއަން ބެންޓެކޭ ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ބާން ލެނޯ ވަނީ މަތަކޮށްފަ އެވެ. އާސެނަލަށް ލަނޑު ޖަހައިދޭން އަލެކްސަންޑަ ލަކަޒޭޓް ޖެހި ބޯޅަ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ބޯޅަ ޕެލަސްގެ ކީޕަރު ވިސެންޓޭ ގައީޓާ ވަނީ މަތަކޮށްފަ އެވެ.
މި މެޗާ ކުރިމަތިލިއިރު ލީގުގެ ތިން މެޗު ހިމެނޭ ގޮތަށް އާސެނަލުން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ. އެކަމަކު ރޭގެ މެޗުން އެއްވަރުވެ އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އައިއިރު، ލީގުގެ ކުރިއަށް ޖެހިލަން އޮތް ފުރުސަތު ވެސް ގެއްލުނީ އެވެ. ޕެލަސް އިން ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފަ އެވެ. އޭގެ ތެރެއިން އެ މެޗުން ޕެލަސް މޮޅުވެސް ވިއެވެ.
ޕެލަސް ބަލިކޮށްގެން ލީގުގެ އަށް ވަނަ އަށް އެރުމުގެ ފުރުސަތު އާސެނަލަށް އޮތެވެ. އެކަމަކު އެއްވަރުވުމުން 18 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ 11 ވަނައިގަ އެވެ. ލީޑްސް އިން މެޗު ހަމަކުރާއިރު މޮޅުވެއްޖެނަމަ އެ ޓީމުން ލީގުގެ 11 ވަނަ އަށް ޖެހިލާނެ އެވެ. އަދި އާސެނަލް 12 ވަނަ އަށް ވެއްޓޭނެ އެވެ.
ކޮމެންޓު ފޮނުވާ