ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޞާދިގު (ސޯބެ) އަށް މަޖިލީހުގެ މުހިންމު ކޮމިޓީއަކުން ޖާގަ ނުދިން މައްސަލައިގައި، އިދިކޮޅު އެމްޑީޕީން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖުކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 13 މެންބަރުންގެ ތެރެއިން 9 މެންބަރެއްގެ ނަން އިއްވައި ވަނީ ތަޅުމުން ނެރެފައެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މައިނޯރިޓީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ، މިއީ ހަމައެކަނި މިއަދު ހިނގައިދިޔަ ކަމެއް ނޫން ކަމަށާއި، ސޯބެ މަގާމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން އޭނާ ކޮމިޓީއެއްގައި ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ނާޒިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީގެ މެމްބަރުން ބޭނުންވަނީ ވީހާވެސް ބޮޑަށް މަސައްކަތްކުރެވޭނެ ހަރަކާތްތެރި ކޮމިޓީތަކުން ޖާގަ ހޯދުމަށެވެ. ނަމަވެސް، މެޖޯރިޓީ ޕާޓީ ކަމަށްވާ ޕީއެންސީން ސޯބެއަށް ޖާގަދޭން އެއްބަސްވަނީ މަޖިލީހުގައި އެންމެ މަދުން މަސައްކަތްކުރާ ސުލޫކު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ ފަދަ ކޮމިޓީތަކުންނެވެ. މަޖިލީހުގެ އުސޫލުތައް އޮންނަ ގޮތުން ކޮންމެ ކޮމިޓީއަކުންވެސް އެމްޑީޕީއަށް އެއް ޖާގަ ލިބެންޖެހޭނެކަން ފާހަގަކުރައްވައި، ނާޒިލް ތުހުމަތުކުރެއްވީ އެކަށީގެންވާ ކޮމިޓީތަކުން ޖާގަ ނުދެނީ އެމްޑީޕީއަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސޯބެ އިންތިހާބުވެވަޑައިގަތީ، އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ކިބައިގައި ސާބިތު ދަރަންޏެއް އޮތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ގޮނޑި ހުސްވުމުން، މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ.
ކޮމެންޓު ފޮނުވާ