ތިމާވެށި ހިމާޔަތްކޮށް ކާނާގެ ޔަގީންކަން ހޯދުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ތަޢާރަފުކޮށްފި

ތިމާވެށި ހިމާޔަތްކޮށް ކާނާގެ ޔަގީންކަން ހޯދުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ތަޢާރަފުކޮށްފި

Author
އަހުމަދު
23 ޖޫން 2026 08:07
0

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި އެންވައިރަންމަންޓް މިނިސްޓްރީން "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ގެ ނަމުގައި ޚާއްޞަ މާލީ އެހީގެ ސްކީމެއް ތަޢާރަފުކޮށްފިއެވެ.

"މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ" ގެ ތެރެއިން މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެންވައިރަންމަންޓް މިނިސްޓަރު ޢަލީ ޝަރީފެވެ. މިއީ އެންވައިރަންމެންޓް މިނިސްޓްރީއާއި، ފިޝަރީޒް މިނިސްޓްރީގެ އިތުރުން އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމާއެކު، އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ނުރައްކާތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން، އަލަށް ތަޢާރަފުކުރެވުނު މެޗިންގ ގްރާންޓް ސްކީމްގެ އެހީގައި އައު އީޖާދީ ޚިޔާލުތައް ޙަޤީޤަތަކަށް ހެދުމަށް ހުރި މާލީ ދަތިތަކަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ އަމާޒަކީ ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް މަސައްކަތްކުރާ އަމިއްލަ ފަރުދުންނާއި، ޖަމްޢިއްޔާތަކާއި، އަންހެނުންނާއި ޒުވާނުންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، ކާނާއާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މިއީ މިނިސްޓްރީން މިހާރުވެސް ހިންގަމުން އަންނަ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.