ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ޚާއްސަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް "ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މިއީ ސިއްހަތާއި އާއިލާއާ ބެހޭ ވުޒާރާ، ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ދަށުން ފެށިގެންދިޔަ ވަރަށް މުހިންމު މަސައްކަތެކެވެ. މި ތަމްރީނު ޕްރޮގްރާމް ޝަރަފުވެރިކަމާއެކު އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. އަދި މި ޕްރޮގްރާމް ބިނާކޮށްފައިވާ މުހިންމު ދިރާސާ ރިޕޯޓް ނެރެދެއްވީ އާއިލާތަކާ ބެހޭ މިނިސްޓަރު ގީލާ އަލީއެވެ.
މިއަދު އާންމުކުރި މި ރިޕޯޓުން ދައްކާގޮތުގައި، ކުޑަކުދިންގެ ދުޅަހެޔޮކަމާއި ކުރިއެރުން ސީދާ ގޮތެއްގައި ގުޅިފައިވަނީ އަންހެނުން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކުގެ ތަޖުރިބާތަކާއެވެ. ކައިވެނީގެ ކުރިންނާއި، ކައިވެނީގެ ތެރޭގައި އަދި ވަރިވުމަށްފަހުވެސް އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެކަކު އަނެކަކާ މުއާމަލާތް ކުރުން ކުޑަވުން ނުވަތަ މުއާމަލާތް ކުރުމުގައި ހުރި ހުރަސްތައްކަން ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން ކުދިން އިތުރަށް ނާޒުކު ހާލަތްތަކަށް ހުށަހެޅިގެންދެއެވެ.
މި ރިޕޯޓުގެ އަލީގައި ފެށި މީޑިއޭޝަން ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމެވެ. އެގޮތުން، އާއިލާތަކަށް ދިމާވާ އެކިއެކި މައްސަލަތަކުގައި އެހީތެރިވެދޭނެ ހުނަރުވެރި އަދި ގާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުމަކީ މި ޕްރޮގްރާމުގެ ވަރަށް މުހިންމު އަމާޒެކެވެ.
ކޮމެންޓު ފޮނުވާ