މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަޢާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތް ވިލިމާލޭގައި ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އައު ޚިދުމަތް އިފްތިތާޙުކޮށްދެއްވީ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ވަޒީރު މުޙައްމަދު ސަޢީދެވެ. ތިމާވެށްޓާ ރައްޓެހި އީވީ ވެހިކަލްތަކެއް ބޭނުންކޮށްގެން ފެށި މި ޚިދުމަތަށް، މިވަގުތު ވިލިމާލެއަށް ވަނީ ހަތަރު ކާރެއް ނެރެފައެވެ. އެއީ ޗަންގަން ބްރޭންޑުގެ ލުމިން މޮޑެލްގެ ދެ ކާރާއި، އެސް.ޒީރޯ 7 މޮޑެލްގެ ދެ ކާރެވެ.
މި ޓެކްސީތަކުން ޚިދުމަތް ހޯދުމަށް ކަސްޓަމަރުން ބޭނުންކުރަން ހަމަޖެހިފައިވަނީ "މާލެ ޓެކްސީ އެޕް" އެވެ. އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭ މި ޚިދުމަތުގައި ދަތުރުތަކަށް ފީ ނަގާނީ ޓްރާންސްޕޯޓް ވުޒާރާއިން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށެވެ. ރައްޔިތުންނަށް އިތުބާރު ހުރި، ފެންވަރު ރަނގަޅު އަދި ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ފެށި މި ޚިދުމަތުގައި ހަރަކާތްތެރިވާ ޑްރައިވަރުންނަކީ އިންޓަވިއުކޮށް، ޚާއްޞަ ތަމްރީނުތަކެއް ދެވިގެން ނަގާފައިވާ ބައެކެވެ. މީގެ އިތުރުން، ޚިދުމަތާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމަށް 1655 ގެ ނަމުގައި ހޮޓްލައިނެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ