ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުމާއި ހިންގުމުގެ އެންމެހާ ކަންކަމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސްޓެލްކޯ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއެވެ. މި ބަދަލާއެކު ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާވެ، ހަރުދަނާވެގެންދާނެ ކަމަށް ދެ ކުންފުނިންވެސް ދެކެއެވެ.
މި ފަހުމުނާމާގެ ދަށުން، ދެވަނަ ފިޔަވަހީގައި ކަރަންޓުގެ މައްސަލަތަކަށް އަވަހަށް އެޓެންޑްވުމަށްޓަކައި އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ބިން އެޗްޑީސީން މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. ހަމައެއާއެކު، ސްޓެލްކޯއިން ވަނީ އެޗްޑީސީއަށް ބޭނުންވާ ލައިޓް ޕޯސްޓްތަކެއްވެސް ހަދިޔާކޮށްފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓުތަކާއި ފަހި ފްލެޓުތައް ހިމެނޭހެން ގިނަ ބަޔަކު އާބާދުވަމުން އަންނައިރު، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ސްޓެލްކޯގެ މުހިންމު އަމާޒެކެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ހުޅުމާލޭގައި ހުންނަ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްވެސް އެ ކުންފުނިން މިހާރު ވަނީ ނިންމާލާފައެވެ. މިއާއެކު އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ލިބި، ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ