އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިން 15 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުން ރަސްމީކޮށް މަނާކޮށްފިއެވެ. މިއީ އޮންލައިން ޕްލެޓްފޯމްތަކުގެ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކުރުމުގެ މަޤްޞަދުގައި އެޤައުމުން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.
ޔޫއޭއީއަކީ ކުޑަކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުމާ ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ އަރަބި ޤައުމެވެ. އަލަށް ފާސްކުރި ޤަރާރުގެ ދަށުން، 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގައި އަމިއްލަ އެކައުންޓް ހުޅުވުމާއި، ޕޯސްޓްކުރުމާއި، ކޮމެންޓްކުރުން އަދި އާންމު ގްރޫޕްތަކާ ގުޅުން މުޅިން މަނާވާނެއެވެ. ނަމަވެސް، 15 އަހަރާއި 16 އަހަރާ ދެމެދުގެ ފުރާވަރުގެ ކުދިންނަށް ޚާއްސަ ޤަވާއިދުތަކެއްގެ ދަށުން ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހުއްދަ އޮންނާނެއެވެ. އޭގެ ތެރޭގައި، ނުދަންނަ މީހުންނާ މުޢާމަލާތް ނުކުރެވޭނެހެން ހެދުމާއި، ސްކްރީން ޓައިމް މެނޭޖްކުރުމާއި، ބެލެނިވެރިންނަށް ކުދިންގެ ހަރަކާތްތައް މޮނިޓަރ ކުރެވޭނެ ނިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.
މި އުޞޫލުތައް ޔޫއޭއީގައި އޮޕަރޭޓްކުރާ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއްގެ މައްޗަށް ހިނގާނެއެވެ. އެގޮތުން ކުންފުނިތަކުން އުމުރު ޔަޤީންކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް އައިޑެންޓިޓީ ޓެކްނޮލޮޖީ ބޭނުންކުރަން މަޖުބޫރުވާނެއެވެ. އަދި ކުޑަކުދިންގެ މަޢުލޫމާތު ބޭނުންކޮށްގެން އިޝްތިހާރު ކުރުމާއި، އުމުރު އޮޅުވާލައިގެން އެކައުންޓް ހެދުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ. މި އައު ޤަވާއިދުތަކަށް އަމަލުކުރަން ފެށުމަށް ސޯޝަލް މީޑިއާ ކުންފުނިތަކަށް ސަރުކާރުން ވަނީ 12 މަސްދުވަހުގެ މުހުލަތެއް ދީފައެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ ނަފްސާނީ ސިއްޙަތަށާއި ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔޫއޭއީން އެޅި މި ފިޔަވަޅަކީ އޮސްޓްރޭލިއާ އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުންވެސް ކުޑަކުދިންގެ އޮންލައިން ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި މުހިންމު ނިންމުމެކެވެ.
ކޮމެންޓު ފޮނުވާ