ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އެމްޑީޕީން ނިންމައިފި

ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އެމްޑީޕީން ނިންމައިފި

Author
އަހުމަދު
16 ޖޫން 2026 11:26
0

ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކުރުމަށްފަހު، އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ބޮޑު އިހުތިޖާޖެއް ކުރުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހަޅައި ފާސްކުރި ގަރާރުގައި މައިގަނޑު ތިން ކަމަކާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، 2023 ވަނަ އަހަރު ނިމުނުއިރު ފަށައިގެން ބާރަށް ކުރިއަށްދިޔަ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރު ބަދަލުވުމާއެކު ހުއްޓާލާފައިވުމެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަކީ 90 ޕަސެންޓް ނިމިފައިވާ މަސައްކަތްތައް ކަމަށްވާއިރު، އެ މަޝްރޫއުތައް ކައުންސިލްތަކާ ގުޅިގެން ނިންމުމަށް އެ ޕާޓީން ވަނީ އިގުރާރުވެފައެވެ.

މީގެ އިތުރުން، ސިޔާސީ ކަންކަމާ ގުޅުވައިގެން ކުންފުނިތަކުގެ އުސޫލުތަކާ ހިލާފަށް މީހުން ވަޒީފާއިން ވަކިކުރުމާއި، އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ސަސްޕެންޑްކޮށް މަސައްކަތްކުރާ ރަށް ބަދަލުކުރަމުންދާ ކަމަށް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. އަދި ހިޔާލުފާޅުކުރުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފާ ފަރާތްތަކަށް ސަރުކާރުން ސިޔާސީ ދައުވާތައް ކުރަމުންދާ ކަމަށް ބުނެ، އެފަދަ ދައުވާތައް ރައްދުވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ވެސް އެ ޕާޓީން ވަނީ ނިންމާފައެވެ. އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ކުރަން ނިންމި އިހުތިޖާޖަކީ މި ކަންބޮޑުވުންތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.