އައު ހިޖުރީ އަހަރަކީ ރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށްޖަހައި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ، ސިޔާސީ އަދި އިޖުތިމާޢީ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ޤައުމީ މަޞްލަޙަތު ކުރިއަށް ނެރުމަށް ގޮވާލައްވާފައެވެ. އަދި ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މަތިވެރި ހިޖުރައިގެ ހާދިސާއަކީ އަނިޔާވެރިކަމުގެ މައްޗަށް ޢަދުލުވެރިކަން ހޯދި ނަޞްރެއްކަން ފާހަގަކުރައްވައި، ކެތްތެރިކަމާއެކު ދަތިތަކާ ކުރިމަތިލުމުން ފޮނި ނަތީޖާ ލިބޭނެކަމުގެ ޢިބުރަތް އެ ހާދިސާއިން ލިބިގަތުމަށް ރައީސް އިރުޝާދު ދެއްވިއެވެ. ޤައުމެއް ބިނާކުރެވޭނީ އެންމެންގެ ހިތްތައް ސާފުކޮށް، އެއް އަމާޒަކަށް އަތުގުޅާލައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުންކަން ފާހަގަކުރައްވަމުން، ރައްޔިތުންގެ މެދުގައި ޢަދުލުއިންސާފާއި ހަމަހަމަކަން ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ޤައުމު އައު އުސްމިންތަކަކަށް ގެންދިއުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވަމުން، ފަލަސްޠީނުގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ހެޔޮ ދުޢާކުރުންމަތީ ދެމިތިބުމަށްވެސް މި ޚިޠާބުގައި އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ