އެމްޑީޕީގެ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން 8 މީހެއްގެ މައްޗަށް ކުރާ ޝަރީއަތް ބުދަ ދުވަހަށް ތާވަލުކޮށްފި

އެމްޑީޕީގެ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން 8 މީހެއްގެ މައްޗަށް ކުރާ ޝަރީއަތް ބުދަ ދުވަހަށް ތާވަލުކޮށްފި

Author
އަހުމަދު
14 ޖޫން 2026 08:31
0

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަށް މީހެއްގެ ޝަރީއަތް އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މީހުންގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކޯޓަށް ހުށަހެޅި މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރުގެ އިތުރުން ދެން ހިމެނެނީ އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒް، ފާތިމަތު ޒަހިއްޔާ އަދި ހުސައިން ރަޝީދެވެ.

ޕީޖީ އޮފީހުން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ މި މީހުން ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ މަގުތަކަށް އެއްވެ، އަޑުގަދަކޮށްފައެވެ. އަދި އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ދަތިވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށްވެސް އެ އޮފީހުން ތުހުމަތުކުރެއެވެ. މި މައްސަލައިގައި އިތުރު ހަތް މީހަކަށް ތުހުމަތުކުރެވުނު ނަމަވެސް، އެކަށީގެންވާ ހެކި ނެތުމާއި ދައުވާކުރުމުގެ އާންމު މަސްލަހަތެއް ނެތުމުގެ ސަބަބުން އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ ވަނީ ފުލުހުންނަށް އަނބުރާ ފޮނުވާލާފައެވެ.

ގިނަ ބަޔަކު ބައިވެރިވި މި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް 'ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް' (އެލްއާރުއޭޑީ) ބޭނުންކޮށްފައެވެ. ތޫނު އަޑު ފޮނުވާ މި އާލާތުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް ބޯއެނބުރުމާއި ހޮޑުލެވުން ފަދަ ސިއްހީ އެކި މައްސަލަތަކާ ކުރިމަތިވި ކަމަށް ބުނެ އެމްޑީޕީން އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.