ސަރުކާރުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާން އައްޔަންކުރައްވައިފިއެވެ.
ސަރުކާރުން މިކަން ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، ހެލްތު މިނިސްޓްރީން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޒީނާޒް އެ މަގާމަށް އައްޔަންކުރެއްވީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި އޭނާ އޮފީހަށް ނުކުންނަވަން ފެއްޓެވީ ހަތް ވަނަ ދުވަހު ކަމަށާއި، މިނިސްޓްރީގައި އޭނާ ބަލަހައްޓަވާނީ ޖެންޑާއާ ގުޅޭ ކަންކަން ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.
ޒީނާޒަކީ ކުޑަކުދިންގެ ހިޔާ ބެލެހެއްޓުމުގެ ޒިންމާ މީގެ ކުރިން އުފުއްލަވާފައިވާ، އިޖުތިމާއީ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. މީގެ އިތުރުން މި ސަރުކާރުގެ ކުރީކޮޅު ވެރިކަން ކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. އޭގެ ފަހުން އެހެން އިސް މަގާމުތަކަކާ ގުޅޭގޮތުން ވާހަކަދެކެވުނު ނަމަވެސް، އެކަންކަން ރަސްމީކޮށް ކަށަވަރުވެފައެއް ނުވެއެވެ.
ޒީނާޒަށް މި މަގާމު ދެއްވާފައިވާއިރު، އޭނާގެ ފިރިކަލުން އާދަމް ޝަރީފް ވަނީ ވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އާދަމް ޝަރީފް ރާއްޖޭން ގަތަރަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ނިންމަވައި، އެކަމުގެ ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައެވެ.
ކޮމެންޓު ފޮނުވާ