އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު ޚާމަނާއީގެ ޖަނާޒާ އަންނަ ޖުލައި މަހު ބާއްވަން ނިންމައިފި

އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު ޚާމަނާއީގެ ޖަނާޒާ އަންނަ ޖުލައި މަހު ބާއްވަން ނިންމައިފި

Author
އަހުމަދު
13 ޖޫން 2026 09:21
0

މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާ، ހަނގުރާމައިގެ ސަބަބުން ލަސްކުރުމަށްފަހު، އަންނަ ޖުލައި މަހު ބާއްވަން އެ ގައުމުން ނިންމައިފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ޖަނާޒާގެ ރަސްމިއްޔާތުތައް ޖުލައި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ވެރިރަށް ތެހެރާނުގައި ކުރިއަށްދާނެއެވެ. އެއަށްފަހު ޖުލައި ހަތްވަނަ ދުވަހު މުގައްދަސް ސިޓީއެއް ކަމަށްވާ ގުމްގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްފަހު، ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި ނުވަވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ. އިސްލާމީ ޝަރީއަތުގައި މައްޔިތާ ވީހާވެސް އަވަހަކަށް ވަޅުލުމަށް ބާރުއަޅާފައި އޮތް ނަމަވެސް، މީގެ ކުރިން މާރިޗު މަހަށް ތާވަލުކުރި މި ޖަނާޒާ ފަސްކުރަން ޖެހުނީ އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ދިގުލައިގެން ދިއުމާ ގުޅިގެންނެވެ.

އުމުރުފުޅުން 86 އަހަރުގައި ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އޭނާ ދިރިއުޅުއްވާ ކޮމްޕައުންޑަށް ދިން ވައިގެ ހަމަލާއެއްގައެވެ. 1989 ވަނަ އަހަރު އާޔަތުﷲ ރުހުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން އީރާނުގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޚާމަނާއީ ވަނީ އެ ގައުމުގެ އަސްކަރީ އަދި ޕެރާމިލިޓަރީ ނިޒާމު ވަރުގަދަކުރައްވައި، މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ފަތުރުއްވައި، އެމެރިކާއާ ދެކޮޅު ވަރުގަދަ ބާރަކަށް އީރާނު ހައްދަވާފައެވެ.

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ މިހާރު ވަނީ ސުޕްރީމް ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. ހަނގުރާމަ ފެށުނީއްސުރެ މުޖުތަބާ އާންމުންގެ ތެރެއަށް ފެނިވަޑައިގެންފައި ނުވި ނަމަވެސް، އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށްފަހު ކުރިއަށްދާ މަޝްވަރާތަކުގައި އޭނާ އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.