ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ފްލެޓަށް އެދޭއިރު އިތުރު ލިޔުމެއް ބޭނުމެއް ނުވާނެ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ފްލެޓަށް އެދޭއިރު އިތުރު ލިޔުމެއް ބޭނުމެއް ނުވާނެ

Author
އަހުމަދު
13 ޖޫން 2026 09:20
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ފްލެޓަށް ކުރިމަތިލާއިރު އެކަން ސާބިތުކޮށްދޭ އިތުރު ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިން ފޯމު ހުށަހަޅާނަމަ އިތުރު ލިޔެކިޔުންތަކެއް ބޭނުމެއް ނުވާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީން ބެލެނިވެރިންނަށް ފޯމު ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފައިވާއިރު، މި ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، މި ކެޓަގަރީއަށް ކުރިމަތިލުމުގެ ޝަރުތުތަކަށްވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އާންމު އުސޫލުން މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވުން ލާޒިމުކުރި ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާނަމަ ފޯމު ލެވޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ނުކުޅެދުންތެރިކަމަށް ފަރުވާ ހޯދުމަށް މާލެއަށް ބަދަލުވެފައިވާ ފަރާތްތަކަށްވެސް މި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު އޮންނާނެއެވެ.

މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި ޕޯޓަލްގައި މިހާރުވެސް 37،000 އެޕްލިކޭޝަން ޑްރާފްޓްކޮށްފައި އެބަހުއްޓެވެ. ހުރިހާ ފަރާތްތަކުން ފޯމު ހުށަހަޅައިފިނަމަ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބޯހިޔާވަހިކަމަށް އެންމެ ގިނަ ބަޔަކު އެދި ހުށަހަޅާނެ ފަހަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.