ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ދާދިފަހުން ބޭއްވި އިންތިޚާބުގެ ވޯޓުލުމުގެ އެންމެހާ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެ ކޮމިޝަނުން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި އިންތިޚާބުގައި މީދޫގައި ބެހެއްޓި ދެ ވޯޓު ފޮއްޓާއި މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ކަންކަން ކުރިއަށްދިޔަ ގޮތް އެ ކޮމިޝަނުން ގާތުން އޮބްޒާވްކޮށްފައިވާނެ ކަމަށެވެ. އަދި ވޯޓުލުމުގެ ކަންކަން މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ ވަރަށް އަމާންކަމާއި، ސުލްޙަވެރިކަމާ އެކުގައިކަން ފާހަގަކޮށް، އިންތިޚާބުގެ ކަންކަން ފުރިހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި މަސައްކަތްތަކަށް ވަނީ ތަޢުރީފުކޮށްފައެވެ. މީގެ އިތުރުން ފުލުހުންނާއި، ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުގެ އިތުރުން ވޯޓުލީ އާންމު ރައްޔިތުން ދެއްކި ޑިމޮކްރެޓިކް ރޫޙުވެސް އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.
އިންތިޚާބުގެ އިންތިޒާމުތައް ޖުމްލަ ގޮތެއްގައި ފުރިހަމަވި ނަމަވެސް، ރަނގަޅުކުރަންޖެހޭ ކުޑަ ކަމެއްވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ. އެގޮތުން، ވޯޓުލުން ކުރިއަށްދިޔަ ދ. މީދޫގެ ދެ މަރުކަޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ ފަދަ އިންތިޒާމުތަކެއް ހުރި ތަންތަން ނޫންކަން އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ