ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ސޯބެ ހޯމަ ދުވަހު ހުވާކުރައްވަނީ

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ސޯބެ ހޯމަ ދުވަހު ހުވާކުރައްވަނީ

Author
އަހުމަދު
13 ޖޫން 2026 06:55
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) މަގާމުގެ ހުވާކުރެއްވުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އައްޑޫ ސިޓީގެ ކުރީގެ މޭޔަރުކަންވެސް ކުރައްވާފައިވާ ސޯބެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 15 ވާ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައި މަޖިލިސްކުރާ ގޭގައެވެ.

މި ބައި އިލެކްޝަން ސޯބެ ކާމިޔާބުކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވައި 62 ވޯޓުގެ ތަފާތަކުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސޯބެއަށް 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު، ސޮޑާއަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް އަލުން ވޯޓުލާން ޖެހުނީ، އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ކޯޓު ހުކުމާ އެއްގޮތަށް ފައިސާ ދައްކަވާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.