އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 20،000 ވެކްސިން ޑޯޒާއި ސިއްޙީ ސާމާނު ގެނެސްފި

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 20،000 ވެކްސިން ޑޯޒާއި ސިއްޙީ ސާމާނު ގެނެސްފި

Author
އަހުމަދު
13 ޖޫން 2026 12:57
0

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 20،000 ޑޯޒްގެ ހިމަބިއްސާއި ރުބެއްލާ ވެކްސިނާއި، 3 ޓަނުގެ ސިއްޙީ ސާމާނު މިއަދު މާލެ ގެނެސްފިއެވެ.

ދިވެހިރާއްޖޭގެ ސިއްޙީ ވުޒާރާއަށް ފޯރުކޮށްދިން މި އެހީގެ ދަށުން ގެނެސްފައިވާ ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެމް.އާރް ވެކްސިންގެ އިތުރުން، ބަލިތައް ތަހުލީލުކުރުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓްތަކާއި ފަރުވާ ދިނުމުގައި އާންމުކޮށް ބޭނުންކުރާ މުހިންމު އާލާތްތަކެވެ. މިއީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން ވެކްސިންގެ ދެވަނަ ޝިޕްމަންޓެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މީސްމީޑިއާގައި ބުނެފައިވަނީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ތާރީޚީ ގުޅުމުގެ ރަމްޒެއް ކަމަށެވެ. އަދި އަވަށްޓެރި ޤައުމަކަށް އެހީއެއް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އިޖާބަދޭ ފަރާތުގެ ގޮތުގައި ދެމިއޮތުމަކީ އިންޑިއާއިން އަބަދުވެސް ގެންގުޅޭ ސިޔާސަތުކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއަށް ކުރިމަތިވާ އެކިއެކި ހާލަތްތަކުގައި އިންޑިއާ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ މިފަދަ ދީލަތި އެހީތެރިކަން ބަލައިގަނެ، ދިވެހި ސަރުކާރުން ވަނީ އެ ޤައުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.