އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބު، ވާދަވެރި ކެންޑިޑޭޓް މީކާއީލް އަހުމަދު ނަސީމްއާ ވާދަކުރައްވައި ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.
މުޅި ރާއްޖޭގައި ކުރިއަށްދިޔަ މި އިންތިހާބުގައި 50,000 އަށްވުރެ ގިނަ މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލާފައިވަނީ 30,626 މެންބަރުންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން، ރައީސް ނަޝީދަށް 20,943 ވޯޓު ލިބިވަޑައިގަތްއިރު މީކާއީލަށް ލިބިވަޑައިގަތީ 9,251 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ ނިސްބަތުން ބަލާއިރު ނަޝީދަށް 69 އިންސައްތަ އަދި މީކާއީލަށް 30 އިންސައްތަ ވޯޓެވެ. މި އިންތިހާބުގައި ވާދަކުރެއްވި އިބްރާހިމް މުހައްމަދަށް ލިބިވަޑައިގަތީ 169 ވޯޓެވެ.
މި އިންތިހާބުގައި ޅ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކުންނާއި ރާއްޖޭގެ ހުރިހާ ސިޓީއަކުން ވެސް މެޖޯރިޓީ ހޯއްދެވީ ރައީސް ނަޝީދެވެ. މީކާއީލަށް ޅ. އަތޮޅުގެ މެޖޯރިޓީ ލިބިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރުން ލިބުނު ބޮޑު ތާއީދާއެކުގައެވެ. އެ އަތޮޅުން މީކާއީލް 547 ވޯޓު ހޯއްދެވިއިރު، ނަޝީދަށް ލިބިވަޑައިގަތީ 423 ވޯޓެވެ.
ސިޓީތަކުގެ ނަތީޖާއަށް ބަލާއިރު، މާލެ، އައްޑޫ، ފުވައްމުލައް، ތިނަދޫ އަދި ކުޅުދުއްފުށި ސިޓީން ވެސް ރައީސް ނަޝީދު ވަނީ މީކާއީލްގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ. އެގޮތުން މާލެ ސިޓީން ނަޝީދަށް 3,601 ވޯޓު ލިބިވަޑައިގަތްއިރު އައްޑޫ ސިޓީން 2,344 ވޯޓު އަދި ފުވައްމުލަކު ސިޓީން 890 ވޯޓު ވަނީ ކާމިޔާބުކުރައްވާފައެވެ. ތިނަދޫ ސިޓީން 563 ވޯޓު އަދި ކުޅުދުއްފުށި ސިޓީން 288 ވޯޓާއެކު ރައީސް ނަޝީދު ވަނީ މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް މި އިންތިހާބުގައި ނަންގަވާފައެވެ.
ކޮމެންޓު ފޮނުވާ