ސަރުކާރު ބަދަލުކުރަން ވާދަވެރިންނަށް ނަޝީދުގެ ދައުވަތު

ސަރުކާރު ބަދަލުކުރަން ވާދަވެރިންނަށް ނަޝީދުގެ ދައުވަތު

Author
އަހުމަދު
13 ޖޫން 2026 01:08
0

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމަށްފަހު، މި ސަރުކާރު ޖަވާބުދާރީކުރުވައި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައި ގުޅިގެން އުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ވާދަވެރިންނަށް ގޮވާލައްވައިފިއެވެ.

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ނަޝީދު ވިދާޅުވީ، ގައުމުގެ ހާލަތު ބަދަލުކުރަންޖެހޭ ވަގުތު މިހާރު އައިސްފައިވާ ކަމަށާއި، މި ރާއްޖެ ދޫކޮށްލެވެން ނެތް ކަމަށެވެ. އެހެންކަމުން ހުރިހާ ސިޔާސީ ވާދަވެރިން ވެސް އެކީގައި ނުކުމެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. މީގެ އިތުރުން، ސަރުކާރު ކުންފުނިތަކުގައި އުޅޭ އެމްޑީޕީ މެމްބަރުންނާ މެދު ވަޒީފާގެ މާހައުލުގައި ބޭއިންސާފުން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެކަން ރަނގަޅު ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނުކުމެ ކުންފުނިތަކުގެ އޮފީސްތަކަށް ވަންނާނެކަމުގެ އިންޒާރުވެސް ދެއްވިއެވެ.

މި އިންތިހާބުގައި ނަޝީދާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ނަޝީދު ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. މީކާއިލް ދެއްކެވި ހިތްވަރަކީ އެހެން ޒުވާނުންނަށް އޮތް ނަމޫނާއެއްކަމަށް ވިދާޅުވިއެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއެކު "ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދު މި ކެމްޕޭނު ކުރެއްވިއިރު، އެ ބޭފުޅުންގެ އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފައްޔާޒް ނެރުއްވައި، ސަރުކާރުގެ ވެރިޔާ އަދި ދައުލަތުގެ ވެރިޔާ ވަކިކުރާ ގޮތަށް ނިޒާމު ބަދަލުކޮށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ނަޝީދު ވަޑައިގަތުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.