މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ރޭގަނޑު 8:30 އަށް އެ ޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީން އިތުރުކޮށްފިއެވެ.
ކުރިން މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ގެނައި މި ބަދަލާއެކު މެންބަރުންނަށް ވޯޓުލުމަށް އިތުރު ފުރުޞަތެއް ވަނީ ލިބިގެންގޮސްފައެވެ. ފައްޔާޒް އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ ޗެއަރޕާސަން ކަމުގެ ގޮނޑިއަށް މިފަހަރު ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމްގެ އިތުރުން އިބްރާހިމް މުޙައްމަދުއެވެ. ފައްޔާޒްގެ އިސްތިއުފާއަށްފަހު މިހާތަނަށް އެ މަޤާމު ވަގުތީގޮތުން ފުރުއްވަމުން ގެންދެވީ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރާއްޖެއާއި ސްރީލަންކާ ހިމެނޭހެން ޖުމްލަ 241 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ކުރިން ޕާޓީގެ ހަރުގެތަކުގައި ވޯޓުލުން ކުރިއަށްގެންދަން އުޅުނު ނަމަވެސް، މިހާރު މާލެއާއި އަތޮޅުތެރޭގައިވެސް ވޯޓުލުން ކުރިއަށްދަނީ ސްކޫލްތަކުގައެވެ. އެގޮތުން މާލޭގައި އެކަނިވެސް މަޖީދިއްޔާއާއި އަމީނިއްޔާ ފަދަ ބޮޑެތި 10 ސްކޫލެއްގައި ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އެމްޑީޕީގެ ދާއިމީ ދަފްތަރު ދައްކާގޮތުން މި އިންތިޚާބުގައި 48،912 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާއިރު، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ރެކޯޑުތަކުގައި އެ ޕާޓީގެ ސައްޙަ މެންބަރުންގެ ޢަދަދަކީ 43،784 އެވެ.
ކޮމެންޓު ފޮނުވާ