އޮމާން ކަނޑުން ދަތުރުކުރަމުންދިޔަ އިންޑިއާގެ 24 ފަޅުވެރިން ތިބި ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން ހަމަލާދީ ތިން މީހަކު ގެއްލުމާ ގުޅިގެން، އިންޑިއާ ސަރުކާރުން އެމެރިކާގެ އިސް ޑިޕްލޮމެޓަކު ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
ޕަލާއޫގެ ދިދަ ޖަހައިގެން އީރާނުގެ ތެޔޮ އުފުލަމުންދިޔަ "ސެޓެބެލޯ" ނަމަކަށް ކިޔާ މި އުޅަނދަށް ހަމަލާދިނީ އެމެރިކާ ސިފައިންގެ އިރުޝާދުތަކަށް ބޯނުލެނބުމުން ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ބުނެފައެވެ. މި ހަމަލާގެ ސަބަބުން އޮމާންގެ ސުހާރު ބަނދަރާ 37 ކިލޯމީޓަރު ދުރުގައި އޮތް މި ބޯޓުގެ އިންޖީނު ރޫމުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، ބޯޓުގައި ތިބި 24 ފަޅުވެރިންގެ ތެރެއިން 21 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އޮމާންގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަދިވެސް ދަނީ ކުރިއަށެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ނިއުދިއްލީގައި ހުންނަ އެމެރިކާ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން ޖޭސަން މީކްސް ހާޒިރުކޮށް، އާންމު އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާލުމަށް ގޮވާލާފައެވެ.
މި ހަމަލާއަކީ އީރާނަށް ޕްރެޝަރު ކުރުމުގެ ގޮތުން އެމެރިކާއިން ފަށާފައިވާ ބްލޮކޭޑްގެ ދަށުން ދިން ހަމަލާއެކެވެ. އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ދަނީ މިފަދަ ހާދިސާތައް ތަކުރާރުވަމުންދާތީ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ. މިއީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން، އިންޑިއާއާއި އެމެރިކާގެ ގުޅުމަށްވެސް ނުތަނަވަސްކަން ގެނުވާނެ ކަމެއް ކަމަށް ވަނީ ބެލެވިފައެވެ.
ކޮމެންޓު ފޮނުވާ