ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓުކުރާ ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރުމުގައި އަމަލުކުރަންޖެހޭ އާ ގަވާއިދެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ގެޒެޓުކޮށްފިއެވެ.
މިއަދު އާންމުކުރި މި ގަވާއިދުގެ ދަށުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ކާބޯތަކެތި ވިއްކުމަކީ މަނާކަމެކެވެ. އަދި ކާބޯތަކެތި ބަންދުކުރަންވާނީ އެކަމަށް ހާއްސަ ފުޑް ގްރޭޑް މެޓީރިއަލްއަކުންނެވެ. ބަންދުކުރާ މެޓީރިއަލް ވާންޖެހޭނީ އޭގެ ސަބަބުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރެއް ނުކުރާނެ، އަދި މުއްދަތު ހަމަވުމުގެ ކުރިން ހަލާކުނުވާނެ ފަދަ އެއްޗަކަށެވެ. މީގެ އިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލަން ހަދާފައި ހުންނަ ޕެޓް ފުޅި ފަދަ ޕްލާސްޓިކް ފުޅި އަލުން ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ވިއްކައިފިނަމަ 10,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ލައިސަންސް ބާތިލުކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. އަދި ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވެއްޖެނަމަ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. ކުށުގެ ސީރިއަސްކަމަށް ބަލައި، ފުރަތަމަ ފަހަރަށް ކުށް ކުރި ނަމަވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް އޮންނާނެއެވެ. ހަމައެއާއެކު، ބަންދުކުރުމުގެ މިންގަނޑާ ހިލާފުވެއްޖެނަމަ 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މީގެ އިތުރުން، ގަވާއިދާ ހިލާފުވާ އަމަލަކީ ޖިނާއީ ކުށެއްނަމަ އެ ފަރާތަކާ މެދު ޖިނާއީ ދައުވާވެސް އުފުލޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ކުރީގެ ގައުމީ މިންގަނޑު އުވިފައިވާއިރު، މިހާރު ބާޒާރުގައި ހުރި އުފެއްދުންތައް އާ ގަވާއިދަށް ފެއްތުމަށްޓަކައި ވިޔަފާރިވެރިންނަށް އެމްއެފްޑީއޭއިން ވަނީ ހަ މަސް ދުވަހުގެ މުހުލަތެއް ދީފައެވެ.
ކޮމެންޓު ފޮނުވާ