ޝަމްއާންގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް: އިހުސާން

ޝަމްއާންގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް: އިހުސާން

Author
އަހުމަދު
10 ޖޫން 2026 11:51
0

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު، ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ކުރެއްވި ބޮޑެތި ތުހުމަތުތައް ހޯމްލޭންޑް ސެކިއުރީޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ދޮގުކުރައްވައިފިއެވެ.

ޝަމްއާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި މިނިސްޓަރު އިހްސާނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ނަމަވެސް އެކަމަށް ރައްދު ދެއްވައި މިނިސްޓަރު އިހްސާން ވިދާޅުވީ، އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހެއްކެއް ނެތް ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ ވެސް ހަގީގަތާ ހިލާފު ވާހަކައެއްކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ހެކިތަކުން ސާފުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް ތަފްސީލުކޮށް ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.

ޝަމްއާން ތުހުމަތުކުރެއްވި ގޮތުގައި، ބޯޑާ ކޮންޓްރޯލް ސިސްޓަމް ވަކި ބަޔަކަށް ވިއްކާލުމަށް މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިސްވެ ތިބެ މަސައްކަތްކުރެއްވިއެވެ. އަދި އެކަން ހުއްޓުވަން އުޅުމުން ރައީސް މުއިއްޒު އޭނާއަށް ގުޅުއްވައި އިންޒާރު ދެއްވި ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ. މީގެ އިތުރުން، ބިދޭސީންނަށް ކޯޓާ ދޫކުރުމުގައި ކޮންމެ ކޯޓާއަކަށް 8،000 ރުފިޔާ އަދި އެޕްރޫވްކުރާ ކޮންމެ ވޯކް ޕާމިޓަކަށް 1،800 ޑޮލަރު ނަގަމުންދާ ކަމުގެ މައުލޫމާތު ހެއްކާއެކު ރައީސަށް އެންގެވި ކަމަށާއި، ނަމަވެސް ރައީސް އެކަން ގަބޫލުފުޅުނުކުރައްވައި އެއީ ޒާތީ ކަމެއްގެ ގޮތުގައި ސިފަކުރެއްވި ކަމަށް ޝަމްއާން ވަނީ ވިދާޅުވެފައެވެ.

މި ބޮޑެތި ތުހުމަތުތަކާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވެސް ވަނީ ރައީސް މުއިއްޒަށް ނިސްބަތްކޮށް ޝަމްއާން ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެކަން ދޮގުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.