ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އެއްވެސް ބަޔަކު ބާކީ ނުކޮށް، އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމްގެ ކެމްޕޭނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން ހަމައެކަނި އެއް ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ހަމައެކަނި ތިމާގެ ވަށައިގެން ތިބޭ ބަޔަކު ކައިރިކޮށްގެން އިންތިހާބުތައް ކާމިޔާބު ނުކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެންމެން ގޮވައިގެން އުޅުމާއެކު ގިނަ ބަޔަކު ގަބޫލުކުރާ ރަނގަޅު ސިޔާސަތުތަކެއް އެމްޑީޕީގައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، މީކާއިލްގެ ސިޔާސަތުތަކަށް ރައީސް ސޯލިހު ތައުރީފުކުރެއްވިއެވެ. އަދި މީކާއިލްގެ ޗެއާޕާސަން ކަމުގައި، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރިއަށް ދާންވީ މި މަގުންނެވެ. އެހެން ނޫންނަމަ އަނެއްކާވެސް އިތުރު ފަސް އަހަރު ރައްޔިތުން ތިބެންޖެހޭނީ މަގުމަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ