ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާ ވާދަކުރައްވައި ޞާދިޤު މި ގޮނޑި ކާމިޔާބުކުރެއްވީ 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ. މި އިންތިޚާބުގައި ޞާދިޤަށް 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަޢީދަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ. މިއަދު ނެގި ވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 4،121 މީހުންގެ ތެރެއިން 2،730 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 66.2 އިންސައްތައެވެ.
މި އިންތިޚާބުގެ ވޯޓުލުން މާލެއާއި އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފައިވާއިރު، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ދެ ފޮށި އަދި ހިތަދޫ ސްކޫލުގައި ފަސް ފޮށި ވަނީ ބަހައްޓާފައެވެ.
މިފަހަރުގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޞާދިޤަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރެވެ. އޭނާ ވަނީ މޭޔަރުކަން ވިދިވިދިގެން ތިން ދައުރު ކުރައްވާފައެވެ. މީގެ އިތުރުން ނިމިދިޔަ ސަރުކާރުގައި އޭނާ ވަނީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ބޭފުޅާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ހާމަވެ، އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ޙުކުމަކާއެކު އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމުންނެވެ.
ކޮމެންޓު ފޮނުވާ