މާލޭގައި އަމިއްލަ އަނބިމީހާ ލައްވައި ގަދަކަމުން ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ހުރަސްފަރު 3 ގައި ދިރިއުޅެމުންދާ އުމުރުން 30 އަހަރުގެ މުޙައްމަދު ނަހީދުލް އިސްލާމެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މީހުން ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.
ފުލުހުންގެ ތަޙުޤީޤީ އޮފިސަރު ކޯޓުގައި ވިދާޅުވި ގޮތުގައި، މި އަމަލު ހިންގާފައިވަނީ އެ މީހުން ދިރިއުޅޭ ކޮޓަރީގައެވެ. ފިރިމީހާގެ ފަރާތުން މަޖުބޫރުކޮށްގެން ޖިންސީ ޚިދުމަތް ދިނުމުގެ ކަންކަން ކުރުވާކަމަށް އަނބިމީހާ ވަނީ ފުލުހުންނަށް މަޢުލޫމާތު ދީފައެވެ.
މި މައްސަލައިގައި ކޯޓުން ނަހީދުލް އިސްލާމް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއެވެ. މި ބަންދު އަމުރު ނެރެދެއްވީ ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޛިހުނީއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ