މާލީ ގޮތުން އަޑިއަޅާލާފައިވާ ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކޮށް ކުންފުނި ހަމައަކަށް އެޅުވުމުގެ ގޮތުން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފި އެވެ.
ފެނަކައިން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައިވާ ގޮތުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅޭނެ އެވެ. އަދި ހަތަރު މަސްދުވަހުގެ މުސާރައާ އެކު ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތު ވެސް ކުންފުނިން ވަނީ ފަހިކޮށްދީފަ އެވެ.
މިކަމާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވީ، މިހާރު އެ ކުންފުނީގައި 8،000 އެއްހާ މުވައްޒަފުން އެބަތިބި ކަމަށާއި، އެއީ ކުންފުނި ހިންގޭނެ "ރައިޓް ސައިޒް" ނޫން ކަމަށެވެ. މުވައްޒަފުން އެހާ ގިނަވުމުގެ ސަބަބުން އިދާރީ ގޮތުންނާއި ހިންގުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި، މުސާރަ ދީފައި ކުންފުނީގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެލާއި ސްޕެއާޕާޓްސް ހޯދަން ދަތިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މާޒީގައި އެކި ސަރުކާރުތަކުން ސިޔާސީ ބޭނުމަށް، ކުރާނެ ވަކި މަސައްކަތެއް ނެތް އެތައް ބަޔަކު ކުންފުންޏަށް ވައްދާފައިވާކަމަށް އަފީފް ވިދާޅުވި އެވެ. އޭގެ ތެރޭގައި ކާޑު ޖަހަން ނުޖެހޭ ގޮތަށް މުސާރަ ނަގަމުންދާ މުވައްޒަފުންނާއި، ވަޒީފާގައި ހުރެ އެހެނިހެން މަސައްކަތްތައް ކުރާ މީހުން ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ގޮތް ނޭނގޭ ކަރުދާސް ކުންފުނިތަކުން ތަކެތި ހޯދުން ފަދަ ކަންކަމުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށްވެސް އަފީފް ވިދާޅުވި އެވެ. ފެނަކައިން މިހާރު މަސައްކަތް ކުރަމުން ދަނީ ކުންފުނި އޮޑިޓްކޮށް، ބޭނުންވާ އަދަދަށް މުވައްޒަފުން މަދުކޮށްގެން ހިދުމަތްތައް ހަރުދަނާ ކުރުމަށެވެ.
ކޮމެންޓު ފޮނުވާ