ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިޚާބުކޮށްފިއެވެ. ނަމަވެސް އިދިކޮޅު ކެންޑިޑޭޓަށް ލިބިވަޑައިގަތް ވޯޓުގެ އަދަދާއެކު، ވެރިކަންކުރާ ޕީއެންސީގެ ބައެއް މެންބަރުން ޕާޓީގެ ލައިނާ ޚިލާފުވިކަމުގެ ސުވާލު ވަނީ އުފެދިފައެވެ.
މިއަދު ކުރިއަށްދިޔަ ސިއްރު ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓް ސަލީމާ ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. ޖުމްލަ 74 މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގަތްއިރު، ސަލީމް މަގާމަށް ހޮވިވަޑައިގަތީ 62 މެންބަރުންގެ ތާއީދާއެކުއެވެ. ފިއްޓޭއަށް 10 ވޯޓު ލިބިވަޑައިގަތްއިރު، ދެ ވޯޓެއް ވަނީ ބާތިލުވެފައެވެ.
މި ނަތީޖާއާއެކު ސުވާލު އުފެދިފައިވަނީ ވޯޓުލުމުގައި ބައިވެރިވި މެންބަރުންގެ ނިސްބަތަށް ބަލައިފައެވެ. މިއަދުގެ ޖަލްސާގައި އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން ބައިވެރިވެވަޑައިގަތީ އެންމެ އަށް މެންބަރުންނެވެ. ދެން ތިއްބެވީ އަމިއްލަ ދެ މެންބަރުންނާއި ޕީއެންސީގެ މެންބަރުންނެވެ. ޖޭޕީ، އެމްޑީއޭ އަދި އެމްއެންޕީގެ އެއްވެސް މެންބަރަކު ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން، ފިއްޓޭއަށް ލިބުނު 10 ވޯޓާއި ބާތިލު ދެ ވޯޓަށް ބަލާއިރު، ޕީއެންސީގެ ބައެއް މެންބަރުން ޕާޓީގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް ވޯޓުދެއްވިކަން ވަނީ ކަށަވަރުވެފައެވެ.
ނަމަވެސް މިއީ ސިއްރު ވޯޓަކަށް ވުމުން، ޕާޓީގެ ވިސްނުމާ ޚިލާފުވީ ސީދާ ކޮން މެންބަރުންނެއް ކަމެއް ނޭނގެއެވެ. މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ވައްދައި، އެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް އިއްޔެ އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ