ރާއްޖޭގައި ޝީޝާ ބުއިން މަނާކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރުން މިހާރު ކުރިއަށް ނުގެންދާ ކަމަށް ހެލްތު މިނިސްޓަރު ޤީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އެތެރޭގެ މަޝްވަރާތަކުގެ ތެރޭގައި ޝީޝާ މަނާކުރުމުގެ މައުޟޫޢު އަދި ނުހިމެނޭ ކަމަށެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވަނީ އެފަދަ މަޝްވަރާތަކެއް އަދި ކުރިއަކަށް ނުގެންދާކަން ޔަގީންކޮށްދެއްވާފައެވެ.
މީގެ ކުރިން، ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް ވަނީ ޝީޝާ މަނާކުރުމާއި، ހަކުރަށް ދޭ ސަބްސިޑީ ކަނޑާލުމުގެ އިތުރުން ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ބޮޑުކުރުން ފަދަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އޭގެ ފަހުން ސަރުކާރުން ވަނީ އެފަދަ މަޝްވަރާއެއް ނުހިނގާ ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ ޒުވާނުންގެ މެދުގައި ޝީޝާ ބުއިން ވަރަށް ބޮޑަށް އާންމުވެފައިވާއިރު، މި ޚިދުމަތް ފޯރުކޮށްދޭ ތަންތަންވެސް ރާއްޖޭގައި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހެންނަމަވެސް މިވަގުތަށް މިކަން ހުއްޓުވުމުގެ ފިޔަވަޅެއް އެޅުމަށް ސަރުކާރުން އަދި ނިންމާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ