ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް

Author
އަހުމަދު
31 މެއި 2026 08:19
0

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރުމުގެ މަގުސަދުގައި، ސަރުކާރުން ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕެއިނެއް މިއަދު އިފްތިތާހުކޮށްފިއެވެ.

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަކީ ކުރު މުއްދަތެއްގައި ނަތީޖާ ހާސިލުކުރެވޭނެ ކަމަކަށް ނުވާތީ، މިއީ ފަސް އަހަރަށް ބަހާލައިގެން ކުރިއަށްގެންދާނެ ކެމްޕެއިނެއް ކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބުކުރުމަށް ސަރުކާރާއި، ރައްޔިތުންނާއި، އަދި ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ވަރަށް މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ، ދުންފަތުގެ ސަބަބުން ލިބޭ ސިއްހީ އަދި އިގުތިސޯދީ ގެއްލުންތަކުގެ މައުލޫމާތު ސްކޫލުތަކުގެ ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ މަސައްކަތް މި ކެމްޕެއިންގެ ތެރެއިން ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ވަނީ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން މި ކެމްޕެއިންގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަން ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.