ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސް ދައުރެއް އަދާކުރި 117 ފުލުހެއްގެ މަސައްކަތުގެ އަގުވަޒަންކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޮފިސަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އަގުވަޒަންކޮށްފައިވަނީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކޮށް، ކާމިޔާބުކަމާއެކު މައްސަލަތައް ނިންމުމުގައި އަމަލީގޮތުންނާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އޮފިސަރުންނަށެވެ. މީގެ ތެރޭގައި ފާއިތުވި ފަސް އަހަރު އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރުމަށްފަހު، މިހާރު އެހެން ޑިޕާޓްމަންޓުތަކަށް ބަދަލުވެފައިވާ ފަރާތްތައްވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ އަޙްމަދު ވަނީ، ތަހުގީގުތަކުގައި އޮފިސަރުން ދެއްކެވި ސާބިތުކަމާއި ހުނަރުވެރިކަމުގެ އިތުރުން، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް މައްސަލަތަކުގެ ކުދިކުދި ތަފްސީލުތަކަށް ދެއްވި ސަމާލުކަން ފާހަގަކުރައްވާފައެވެ. އަދި އިންސާފު ގާއިމުކުރުމާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، މިއީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތައް ކުރައްވާ އޮފިސަރުންގެ އަގުވަޒަންކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ