ރާއްޖެއަށް 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާ އާއި އަލްޔާ ޝަރްސާ ނަސީރުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލެއިން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މި ދެމީހުންގެ ބަންދަށް ކޯޓުން މިފަހަރު އިތުރުކޮށްފައިވަނީ 30 ދުވަހެވެ. މިއީ ކ. ތުލުސްދޫ، އާބިޖިލީހިޔާ، އުމުރުން 29 އަހަރުގެ ރޫނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރި ތިންވަނަ ފަހަރެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރޫނާއެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު، ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ބޭނުންކުރި ފޮށީގައި ހުރި ތަކެއްޗާއި ރޫނާގެ ގެއިން ފެނުނު ލަގެޖުގައި ހުރި ތަކެތި އެއްގޮތްކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގައި ދެން ހިމެނޭ ގ. މުތީގެއާގެ، އުމުރުން 25 އަހަރުގެ އަލްޔާއަކީ ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހެއްކަން އޭނާގެ ޓްރެވަލް ހިސްޓްރީން އެނގެން އޮތްއިރު، އޭނާގެ ފޯނުންވެސް މައްސަލައާ ގުޅުންހުރި ހެކި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާއަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާ މީހަކަށްވާތީ، ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯޓުން ވަނީ އަންގާފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ އަދި ވިޔަފާރިކުރުމުގެ ތުހުމަތު މި ދެމީހުންގެ މައްޗަށް ކުރެވޭއިރު، މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ވަގުތީގޮތުން 1.820 ކިލޯ ހުރިކަމަށް ދެއްކި ނަމަވެސް ފަހުން ވަނީ 1.5 ކިލޯކަން ކަށަވަރުކޮށްފައެވެ. ގާނޫނު އޮންނަ ގޮތުން މިފަދަ ބޮޑެތި ކުށްތަކުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
ކޮމެންޓު ފޮނުވާ