ގއ. ވިލިނގިލީގައި އިމާމުވެ ޢީދު ނަމާދު ކުރައްވައި، މަޖިލީހުގެ ރައީސް ޢީދު ހަރަކާތްތައް ފައްޓަވައިދެއްވައިފި

ގއ. ވިލިނގިލީގައި އިމާމުވެ ޢީދު ނަމާދު ކުރައްވައި، މަޖިލީހުގެ ރައީސް ޢީދު ހަރަކާތްތައް ފައްޓަވައިދެއްވައިފި

Author
އަހުމަދު
27 މެއި 2026 01:21
0

މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގއ. ވިލިނގިއްޔަށް ވަޑައިގެން، އެރަށުގެ ބޮޑު ޖަމާޢަތުގައި އިމާމުވެ ޢީދު ނަމާދު ކުރައްވައިފިއެވެ.

އެމަނިކުފާނު ވިލިނގިއްޔަށް ވަޑައިގަތީ އެ ރަށު ކައުންސިލުގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައެވެ. ކޫއްޑޫ އެއާޕޯޓުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާއިރު، ޢީދު ނަމާދަށްފަހު އާންމުންނާ ސަލާމްކުރައްވައި، އަބްދުއްރަޙީމް ވަނީ ވިލިނގިލީގެ ޢީދު ހަރަކާތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ޢީދު ނަމާދުގެ ޖަމާޢަތަށް ދިޔަ ކުޑަކުދިންނަށް ހަދިޔާ ބެހުމުގެ ހަރަކާތުގައި ވެސް އެމަނިކުފާނު ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ވިލިނގިލީގައި ކުރިއަށްދާ ފޯރިގަދަ ޢީދު މަޅީގެ ހަރަކާތްތަކާއެކު ޢީދު ކުޅިވަރުތައް ފެށިގެން ދިޔައިރު، ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އުޟުހިޔާ ކަތިލުމުގެ ހަރަކާތުގައި ވެސް ޚާއްޞަ މެހުމާނެއްގެ ގޮތުން މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގަތެވެ. ދައުލަތުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ރަށެއްގެ ބޮޑު ޖަމާޢަތުގައި އެމަނިކުފާނު އިމާމުވެ ޢީދު ނަމާދު ކުރެއްވިއިރު، މީގެ ކުރިން ފޮނަދޫގައި ހުކުރު ނަމާދު ވެސް އިމާމުވެވަޑައިގެން ކުރައްވާފައިވެއެވެ.

މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންނާއެކު ޢީދުގެ އުފާ ފާޅުކޮށް، އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ކުރެއްވި ދަތުރުފުޅެކެވެ. ޢީދުގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.