އީދުގެ ހަރަކާތްތައް އިސްލާމީ އިމުގެ ތެރޭގައި ބޭއްވުމަށް ޚުތުބާގައި ގޮވާލައިފި

އީދުގެ ހަރަކާތްތައް އިސްލާމީ އިމުގެ ތެރޭގައި ބޭއްވުމަށް ޚުތުބާގައި ގޮވާލައިފި

Author
އަހުމަދު
27 މެއި 2026 09:06
0

ބަރަކާތްތެރި އަޟްޙާ އީދުގެ މުނާސަބަތުގައި މިއަދު އިއްވި އީދު ޚުތުބާގައި، އީދުގެ ހަރަކާތްތައް ދީނީ އިމުގެ ތެރޭގައި، ދެޖިންސު މަސްހުނިނުވާ ގޮތަށް ކުރިއަށް ގެންދިއުމަށް މުސްލިމުންނަށް ގޮވާލައިފިއެވެ.

އީދު ދުވަހަކީ މާތް ﷲގެ ހަޟުރަތުގައި އެންމެ މަތިވެރިވެގެންވާ ދުވަސްކަން ފާހަގަކުރައްވައި، ޚުތުބާގައި ބުނެފައިވަނީ މިއީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅުމުގެ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް މިފަދަ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲ އަށް ބިރުވެތިވެ، އިސްލާމީ މިންގަނޑުތަކާ ފުށުނާރާނެހެން ކަންކަން ރޭވުމަކީ ވާޖިބެއްކަމަށް ވަނީ ހަނދާންކޮށްދީފައެވެ.

އެގޮތުން، އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި، އެހެން ދީންތަކުގެ ޝިއާރުތައް ބޭނުންކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން ދެޖިންސު މަސްހުނިވެގެން ކުޅޭ ކުޅިވަރުތަކުން ދުރުވުމަށްވެސް ޚުތުބާގައި ވަނީ ބާރުއަޅާފައެވެ.

މީގެ އިތުރުން، މުޖުތަމައުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން އީދުގެ އުފަލުގައި ބައިވެރިކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަތުލުއާންމުތަކާއި ހައިހޫނުކަމާ ކުރިމަތިލަމުންދާ ނިކަމެތި މުސްލިމުންގެ މަތިން ހަނދާންކޮށް އެފަރާތްތަކަށް ނަސްރާއި ކާމިޔާބަށް އެދި ހެޔޮ ދުއާކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އީދު ނަމާދުގެ ބޮޑު ޖަމާއަތުން ގިޔާމަތް ދުވަހުގެ ބިރުވެރިކަމާއި މަހުޝަރު މައިދާން ސިފަވެގެންދާކަން ފާހަގަކޮށް، މިއަދުގެ ޚުތުބާ ނިންމާލަމުން ވަނީ އެކަކު އަނެކަކަށް މާފުކޮށް، ހަސަދަވެރިކަމާއި ބޮޑާކަން ފަދަ ނޭއްގާނީ ސިފަތަކުން ހިތްތައް ސާފުކުރުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.