ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 4،121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 4،121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ

Author
އަހުމަދު
25 މެއި 2026 02:52
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 4،121 މީހުންނަށް ލިބިފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން މިހާރު ވަނީ ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފައެވެ. އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ އިންތިހާބުގައި ވާދަކުރައްވަނީ މައިގަނޑު ދެ ޕާޓީއަކުންނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ. ވޯޓުލުމަށްޓަކައި ޖުމްލަ ހަތް ފޮއްޓެއް ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާ ފަސް ފޮއްޓާއި، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން މާލޭގައި ބަހައްޓާ ދެ ފޮއްޓެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ހުކުމް ކުރުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.