ވ. އަތޮޅު "މިޔަރު ޑައިވް" ސައިޓުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ އިޓަލީގެ ހަތަރު ޑައިވަރުންނާއި އެމީހުންގެ އިންސްޓްރަކްޓަރެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި ގޮތުގައި، ކަނޑުގެ 165 ފޫޓު އަޑީގައިވާ ހޮހޮޅައިގެ ތިންވަނަ ޗެމްބަރުން ފެނުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ފޮނުވާލާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން ވަނީ އިޓަލީއަށް ފޮނުވާލާފައެވެ.
މި ފަސް މީހުންނަކީވެސް ތަޖުރިބާކާރު ޑައިވަރުންނަށް ވީނަމަވެސް، އެކަށީގެންވާ އާލާތްތަކާ ނުލައި އެހާ ފުނަށް ފީނި ސީދާ ސަބަބު ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އިޓަލީން މި މީހުންގެ އޮޓޮޕްސީއެއް ހަދައިފިނަމަ، އެ ނަތީޖާ ދިވެހި ފުލުހުންނާ ހިއްސާކުރާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މި ހާދިސާގެ ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތައް ހޯދުމަށް ފިންލެންޑުގެ ޑައިވަރުންގެ ޓީމަކުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން، ކަނޑުއަޑިން އެ މީހުން ބޭނުންކުރި ގޯޕްރޯ ކެމެރާ ފަދަ ޓެކްނިކަލް އާލާތްތައް ނަގައި، މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ