ނަޝީދު ސަރުކާރާ ދެކޮޅުވީ ރައީސް މުޢިއްޒުގެ ކެބިނެޓުން ޖާގައެއް ނުލިބުމުން: ޝުޖާއު

ނަޝީދު ސަރުކާރާ ދެކޮޅުވީ ރައީސް މުޢިއްޒުގެ ކެބިނެޓުން ޖާގައެއް ނުލިބުމުން: ޝުޖާއު

Author
އަހުމަދު
23 މެއި 2026 11:31
0

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން ވަޒީރުކަމެއް ދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި، ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ އެކަން ނުވުމުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އއ. ތޮއްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު ޝުޖާއު މިފަދައިން ވިދާޅުވީ، ރައީސް މުޢިއްޒަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ. ޝުޖާއު ވިދާޅުވީ މިއަދު ނަޝީދާއި އެމްޑީޕީއަށް މިނިވަންކަމާއެކު ސިޔާސީ ޚިޔާލުފާޅުކުރުމުގެ ޖާގަ ލިބިފައިވަނީ ރައީސް މުޢިއްޒަށް ވެރިކަމުގެ ނިޒާމު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ. އަދި ނަޝީދު މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ "ހަމައިގައި ހުންނަވައިގެން" ދައްކަވާ ވާހަކަފުޅުތަކެއް ނޫންކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެ ކުރިން މި ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ނަޝީދު، ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގަތީ ކެބިނެޓުން ޖާގައެއް ދިނުމަށް އެދިވަޑައިގަތުމުން އެކަން ހަމަނުޖެހުމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެ މައްސަލަ ޖެހުމުން ނަޝީދު ސައުތު އެފްރިކާއަށް ވަޑައިގަތީ ކަމަށާއި، މިކަމަށް ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ޙަސަން ލަތީފު ވެސް ހެކިވެވަޑައިގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ސަރުކާރުގެ ކުރީކޮޅު މިއީ އެމަނިކުފާނުގެ ވެސް ހިއްސާ އޮތް ސަރުކާރެއްކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، ސަރުކާރުން ވަނީ އޭރު އެކަން ދޮގުކޮށްފައެވެ. މިހާރު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ އެކަން ހުއްޓުވަން ޕީއެންސީން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައި، މިއަހަރު ނިމުމުގެ ކުރިން ސަރުކާރު ބަދަލުކުރައްވާނެ ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.